އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

19 ޖުލައި 2022 - 20:41

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ އެކު، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ވެސް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ.

އަގަށް ގެނައި ބަދަލާ އެކު އެސްޓީއޯއިން 16.77ރ. އަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް ވިއްކާނީ 16.32ރ. އަށެވެ. މިއީ 45ލ. ހެޔޮ އަގެކެވެ. ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 16.55ރ. އިން 15.97ރ. އަަށް ހެޔޮކޮށްފަ އެވެ. މިއީ 58ލ. ގެ ހެޔޮވުމެކެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ މާކެޓަށް ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ފޯރުކޮށްދޭން މަސައްކަތްކުރި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ހުރެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

މިއަހަރު ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައީ އެންމެ ދެ ފަހަރު އެވެ. އަގު ބަދަލުކުރި އިރު، އެ ކުންފުނިން ބުނީ ތެޔޮ ގަންނަ އަގު ބޮޑިވި ނިސްބަތުން ތެލުގެ އަގު ބޮޑު ނުކުރާ ކަމަށެވެ.

އެންމެ ފަހުން އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލުގެނައީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރަކުން ވަނީ 1.95ރ. ބޮޑުކުރި އެވެ. އަދި ޑީސަލް ލީޓަރަކުން 1.97ރ. ބޮޑުކުރި އެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އަދި މިހާރު ހިނގާ ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އޮތީ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފަ އެވެ. ތެލުގެ އަގަށް އައި ބަދަލުތަކަކީ އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާ އެއް ސަބަބެވެ.