ދިވެހީންގެ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުން މިއަދު މަޑަވެލީގައި ކުރިއަށް ގެންދިޔަ.

26 ޑިސެމްބަރ 2023 - 10:29

ިއަހަރު ގަވްމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ އިސްނެންގެވުމުގެ ދަށުން ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ދުވަހާއި ގުޅިގެން ފަތިސްނަމާދު ޖަމާޢަތުގައި ކުރުމާއި، އަތުގުޅާލުމާއި، ކޮންމެ ރަށެއްގައި ބާއްވާ ސުކޫތުގައި ބައިވެރިވުން ކުރިއަށް ގެންދެވިފައިވެއެވެ. 

މިއަދަކީ ދިވެހިރާއްޖޭގައި ފާހަގަކުރާ "އެއްބައިވަންތަކަމުގެ ދުވަސް" އެވެ. މި ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރީ ޑިސެމްބަރު 26، 2004 ގައި ހިނގި ސުނާމީ ކާރިސާއަށް ފަހު އެވެ. ޑިސެމްބަރު 26 އަކީ ދިވެހިރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ސުނާމީ ދުވަހު ދިވެހިރާއްޖޭގެ ރައްޔިތުން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ރޫޙު އާލާކުރުމަށެވެ.

އެދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ހިތާމަވެރި އެއްދުވަހެވެ. މި ކާރިސާގެ ސަބަބުން ދިވެހިރާއްޖެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ކާރިސާގައި ދިވެހިރާއްޖޭގެ 190 ރަށަކަށް އަސަރުކޮށްފައިވާއިރު 5 ރަށެއް މުޅިން ހަލާކުވެފައިވެއެވެ. ފަނަރަހާސް މީހުންގެ ގެދޮރު ގެއްލިއްފައިވެއެވެ. ތޭރަ ރަށެއް ހުސްކުރަން ޖެހުމުން އެތަންތަން އެހެން ރަށްތަކަށް ބަދަލުކުރިއެވެ. މި ކާރިސާގެ އަސަރު ސީދާ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް ކުރިއެވެ. މިކާރިސާގައި މަރުވެފައިވަނީ 38 ކުޑަކުދިންނާއި 44 މީހުންނެވެ. 26 މީހުންވަނީ ގެއްލިފައެވެ.

ސުނާމީ ކާރިސާގެ ތެރޭގައި ދިވެހިރާއްޖޭގެ ރައްޔިތުން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގައުމީ ނަމޫނާ މިއަދު އަޅުގަނޑުމެންގެ ހިތަށް ގެންނަން ޖެހެއެވެ. ދިވެހިރާއްޖޭގެ ކޮންމެ އަތޮޅަކާއި ކޮންމެ ރަށަކުންވެސް ދެއްކީ މާތްވެގެންވާ އިސްލާމްދީނުން އަޅުގަނޑުމެންނަށް ދަސްކޮށްދިން އަޚުވަންތަކަމާއި އެކުވެރިކަމާއި ލޯބީގެ މަތިވެރި ގުޅުމެވެ.