އުމުރުންދުވަސްވީ މީހުން ރަމަޟާން މަހު ދިރިއުޅުމުގެ ކަންކަން ބަހައްޓަން ޖެހޭނެ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް "ދުޅަހެޔޮ ސިއްހަތަކަށް އިސްރަށްވެހިން" ގެ ނަމުގައި ހާއްސަ ހަރަކާތެއް މާދަމާ ހަވީރު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިސްލާމީ މަރުކަޒު ސަރަހައްދުގައި ބާއްވާ "ހުކުރު އުފާ" ގެ ތެރެއިން މާދަމާ ހަވީރު 4-6 އަށް ކުރިއަށް ގެންދާ މި ހަރަކާތް ރާވާފައިވަނީ ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާ އާއި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން، މަަދަނީ ބައެއް ޖަމިއްޔާތަކާއި އިދާރާތަކުގެ އެހީތެރިކަމާ އެކުގަ އެވެ.

"މި ހަރަކާތް ބޭއްވުމުގެ މަގުސަދަކީ ރޯދަ މަހަކީ ދިރިއުޅުމުގެ އާދަތަކަށް ބަދަލުތަކެއް އަންނަ މަހަކަށްވެފައި އެކަންކަމަށް އިސްރަށްވެހިން އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކޮށް ދިނުން،" އިސްރަށްވެހިންގެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ދަމަނަވެށި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް، އޭޖް ކެއާ މޯލްޑިވްސް، މެންޓަލް ހެލްތު އެވެއާނެސް ފައުންޑޭޝަން، މޯލްޑިވިއަން ރެޑްކްރެސެންޓް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސް އަދި ބްރީތު ލައިފެވެ.

މި ހަރަކާތުގެ ތެރެއިން ފޯރުކޮށްދޭނެ މައުލޫމާތުތަކުގެ ތެރޭގައި ރޯދަ މަހު ކެއިންބުއިން ބަހައްޓަން ޖެހޭނެ ގޮތާއި ބޭސް ބޭނުންކުރައްވާ ފަރާތްތަކުން އަމަލުކުރައްވާނެ ގޮތާއި ބޭސްބޭހާއި ކެއިންބުއިމުގެ މައުލޫމާތު ހިމެނެ އެވެ.

މީގެ އިތުރުން ހަކުރާއި ލޭގެ ޕްރެޝަރާއި ހަށިގަނޑުގައި ސަރުބީ ހުރި ވަރާއި އިސްކޮޅާ ގުޅުވައި ބަރުދަން ހުރި ވަރު ބަލައިދޭނެ އެވެ. އަދި އެ މީހެއްގެ ނަތީޖާއާ ގުޅުވައިގެން މައުލޫމާތު ދިނުމާއި މަޝްވަރާކުރުން ވެސް އޮންނާނެ އެވެ.

މި ހަވީރުގައި ކުރިއަށްގެންދާ އެހެން ބައެއް ކަންކަމުގެ ތެރޭގައި ކެންސަރާ ބެހޭ ގޮތުން މައުލޫމާތު ދިނުމާއި ދުންފަތާއި ހަކުރު ބައްޔަށް ހޭލުންތެރިކުރުވުމާއި އުމުރުންދުވަސްވަމުން ދާއިރު ދިމާވާ ސިއްހީ މައްސަލަތަލުގެ މައުލޫމަތު ފޯރިކޮށްދިނުން ހިމެނެ އެވެ. އަދި ޔޯގާ ކަސްރަތުގެ މައުލޫމާތު ވެސް ދެވޭނެ އެވެ.

މީގެ އިތުރުން ރޯދަ މަހުގެ ބަދިގޭގައި ބުރަކޮށް އުޅޭއިރު، ކުއްލިއަކަށް ދިމާވާ ކަންކަމަށް ފުރަތަމަ އެހީދިނުމަށްޓަކައި ވިސްނުމުގައި ބަހައްޓަން ޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ފޯރުކޮށްދޭނެ އެވެ. އަދި ނަފްސާނީ މައްސަލަތަކާ ބެހޭ މައުލޫމާތާއި އެފަދަ ކަމެއް ދިމާވުމުން އެހީތެރިކަން ހޯދާނެ ގޮތުގެ މައުލޫމާތު ވެސް ދޭނެ އެވެ.

މަސްދަރު -  މިހާރު ނޫސް